
ޝަރީއަތް ނިމެންދެން ބަންދުގައި މިވަގުތު 347 މީހުން ތިބިކަމަށާއި، މީގެތެރޭގައި ގިނައީ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ބަންދުކޮށްފައި ތިބި މީހުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. އެކަންކަން ރަނގަޅަށް ބެލުމެއްނެތި އެމީހުން ދޫކޮށެއް ނުލެވޭނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް މިހެން ވިދާޅުވީ، މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން އާއްމު ރައްޔިތަކު ފާޅުކުރެއްވި ކަންބޮޑުވުމަކަށް ޖަވާބުދެއްވަމުންނެވެ. ވަނުވާ ބަންދުގެ މައްސަލަ މީގެ ކުރިން އޮތީ އެއްގޮތަކަށްވެސް "ވާ ނުވާ ނޭނގޭ" މައްސަލައެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ. އެކަން އެހެން ވެފައި އޮތީ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ހަމަނުޖެހި، މައްސަލަތައް ފުނި ޖެހުމުން ކަމަށް ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކޮށްގެން މި ދެ ކޯޓު ހިންގާނެ ތަން ހަމަޖައްސައިދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ނަތީޖާއަކީ ޝަރީއަތް ހިނގާނެގޮތް އެއްވެސް ގޮތެއް ނޭނގި ވާނުވާގައި ތިބި މީހުންގެ ޝަރީއަތް ކުރެވޭނެ ދުވަހާއި، މި މައްސަލަތައް އަވަހަށް ބެލޭނެ ގޮތް ހަމަޖެހިގެން ދިއުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"މިހާރު ވަރަށް ގިނަ މައްސަލަތައް ހައްލުކުރެވި ވާނުވާ ފުނިޖެހިފައި ހުރި މައްސަލަތައް ބެލެމުން އެދަނީ. ކުރީގައި ކެޕޭސިޓީ ނެތީ. ޖާނަ ނެތީމަ ނުބެލިފައި ހުރި ކަންތައްތައް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މިވަގުތު ވާނުވާ ބަންދުގައި ތިބި 347 މީހުންނަކީ މީހުން މެރުން، ޓެރަރިޒަމް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން، މާރާމާރީ ހިންގުން، އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރުން ފަދަ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ތިބި މީހުންނެވެ. އަދި އެކަންކަން ރަނގަޅަށް ނުބަލައި، އެމީހުން ހަމަ ހުރެފައި ދޫކޮށްލަން އެއްވެސް ރައްޔިތަކު ބޭނުންވާނެތޯ ރައީސް ވަނީ ސުވާލުކުރައްވާފައެވެ.
މިރޭގެ ބައްދަލުވުމުގައި ރައީސް ވަނީ ވާނުވާ ބަންދުގައި ތިބި މީހުންގެ ތަފްސީލްތައްވެސް ހާމަކުރައްވާފައެވެ:
ޝަރީއަތްނިންމަންޖެހޭމީހުންގެޖުމްލައަދަދު: 347
މީހުންމަރާފައިހުރިކަމުގެތުހުމަތުގައި: 29 މީހުން
ޓެރަރިޒަމްގެމައްސަލަތަކުގައި: 20 މީހުން
ކުޑަކުދިންނަށްޖިންސީގޯނާކުރިކަމުގެތުހުމަތުގައި: 117 މީހުން
މާރާމާރީހިންގުމުގެމައްސަލަތަކުގައި: 70 މީހުން
ޑްރަގްޓްރެފިކިންގ: 116 މީހުން
އެހެނިހެންމައްސަލަތައް: މަނީ ލޯންޑްރިން، ވައްކަންކުރުން، ހަތިޔާރުބޭނުންކޮށްގެން ވައްކަން ކުރުން، ޑޮމެސްޓިކް ވަޔަލެންސް، ކިޑްނެޕްކުރުން، ހިޔުމަން ޓްރެފިކިން، އެއްޖިންސުން ގުޅުން ހިންގުން، ތަންތަން ރޯކުރުން، ޕްރޮސްޓިޓިއުޝަން، ސްމަގްލް ކުރުން.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ޖުޑިޝަރީ މިނިވަންކޮށް މި ގެންނަ ބަދަލުތަކުގެ ސަބަބުން ވާނުވާ ބަންދުގެ މައްސަލައަށް ޙައްލު ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތްކަމަށެވެ.