
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަކީ މަތި ބަރު ކުންފުންޏެއް ކަމަށް ވިދާޅުވެ އެ ކުންފުންޏަށް ވަރަށް ބޮޑަށް ފާޑު ކިޔުއްވި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސެއިން ޝަރީފުގެ އަންހެނުންނަށް އެ ކުންފުނިން ބައިލައްކަ ރުފިޔާއަށް ވުރެ ބޮޑު މަހު މުސާރައެއް ލިބޭ މަގާމެއް ދީފައިވާ ކަން ހާމަވެއްޖެ އެވެ.
ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މެންބަރު ޝަރީފުގެ އަންހެނުން ޝިނާ ވަޖީހު އައްޔަން ކުރައްވާފައިވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ ބިއުރޯގެ ޗީފްގެ މަގާމަށެވެ. މީނާ އައްޔަން ކުރެއްވީ ޑިރެކްޓަރެއްގެ ފެންވަރުގައި ކަމަށްވާއިރު، މަހު މުސާރައަކަށް 55،000 ރުފިޔާ ލިބޭ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
ދާދި ފަހުން އެ ވަޒީފާއަށް ނިކުންނަން ފެށި ޝިނާ ވަނީ ސްރީ ލަންކާއަށް އެހީވުމަށް ޕީއެސްއެމްއިން ކުރިޔަށް ގެންދިޔަ ޓެލަތޯނުގައި، އެޗްޑީސީގެ ފަރާތުން ފައިސާ ހަދިޔާ ކުރަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އާއެކު ވެސް ބައިވެރިވެފަ އެވެ.
ޕީއެންސީގެ ބައެއް އާންމު މެންބަރުން މި ކަމުގައި ދެކޭ ގޮތް ބަލާލި އިރު ގިނަ ބަޔަކު ފާހަގަ ކުރާ ގޮތުގައި، އޭރު މެންބަރު ޝަރީފު އެޗްޑީސީ އަށް އެހާ ބޮޑަށް ފާޑު ކިޔުއްވީ އަންހެނުންގެ ވަޒީފާ ހަމަޖެހިފައި ނުވުމުންނެވެ. ނަމަވެސް ސަރުކާރަށް އެކި ގޮތް ގޮތުން ޕްރެޝަރ ކުރުމަށް ފަހު މެންބަރު ޝަރީފު ވަނީ އަންހެނުންގެ ވަޒީފާ ކަށަވަރުކޮށްފަ އެވެ. އަދި އަންހެނުންނަށް ވަޒީފާ ލިބުމާއެކު، އެޗްޑީސީ އަށް އޭނާ ކުރައްވަމުން ގެންދެވި ފާޑުކިޔުންތައް ވެސް ވަނީ ހުއްޓާލާފަ އެވެ.
އާންމު މެންބަރުން ބުނާ ގޮތުގައި ޕާޓީގެ ގްރާސް ރޫޓްގައި މަސައްކަތް ކުރާ ވަޒީފާ ނެތް މީހަކަށް އެ ކުންފުނިން ވަޒީފާ ލިބުން ނަމަ ރަނގަޅު ކަމަށާއި، ބޮޑު މުސާރަ ލިބޭ މީހުންގެ އަނބިކަނބަލުންނަށް ބޮޑު މުސާރަ ލިބޭ ވަޒީފާ ދޭންޖެހޭ ސަބަބެއް ނޭނގޭ ކަމަށެވެ. އަދި ވިދާޅުވީ ގިނަ ވަޒީފާތައް ބަހާލާއިރު ރައީސް މުއިއްޒުއަށް ގިނަ ފަހަރު މިކަހަލަ ކަންކަން އެނގިވަޑައިނުގަންނަވާ ކަމަށާއި މިއީ ހިތާމަ ހުރި ކަމެއް ކަމަށެވެ. އަދި މިހެން ކަންކަން ކުރުމުން ޕާޓީގެ ގްރާސް ރޫޓްގައި މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށާއި، މިއީ ރައީސް މުއިއްޒުއަށް ހެޔޮއެދޭ ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށްވެސް އެ މެންބަރުން ފާހަގަކުރެ އެވެ.
މި ސަރުކާރުގެ ސިޔާސީ މަގާމުތައް އެހެން ހުރިހާ ސަރުކާރަކަށް ވުރެ އިތުރުވެފައި ވާއިރު، ސިޔާސީ ނުފޫޒުން ސަރުކާރުގެ ކުންފުނިތަކަށް އައްޔަން ކުރާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.