navLogo

ޖަޕާން ސަފީރުކަމަށް މަހުލޫފް މިއަދު އައްޔަންކުރައްވައިފި

ޖަޕާން ސަފީރުކަމަށް މަހުލޫފް މިއަދު އައްޔަންކުރައްވައިފި
po office
މަރިޔަމް

ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާ ސަފީރުކަމުގެ މަގާމަށް، ކުރީގެ ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް މިއަދު ރަސްމީކޮށް އައްޔަންކުރައްވައިފިއެވެ. ރައީސް އޮފީހުން ބުނި ގޮތުގައި، މި މަގާމަށް އޭނާ އައްޔަންކުރެއްވީ މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ހުވާކުރެއްވުމަށް ފަހުއެވެ. މަޚްލޫފް މި މަގާމަށް އައްޔަންކުރުމާ ގުޅިގެން، ޚާއްސަކޮށް އޭނާ ވަރަށް ފަހުން ޕާޓީ ބަދަލުކުރައްވައި ޕީއެންސީއާ ގުޅިވަޑައިގަތުމާ ގުޅިގެން ގިނަ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މަޚްލޫފްގެ ނަން ޖަޕާން ސަފީރުކަމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެ ދުވަހު ރިޔާސަތުން ވަނީ މި ނަމާ ގުޅޭގޮތުން ދިރާސާކުރުމަށް ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ފޮނުވާފައެވެ. ކޮމިޓީން އޭނާއާ އިންޓަވިއުކުރުމަށް ފަހު، އެ މަގާމަށް އައްޔަންކުރުމަށް ފެންނަ ކަމަށް ނިންމިއެވެ. ޕީއެންސީއަށް ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ މަޚްލޫފަށް އެ މަގާމަށް ރުހުންދީފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މަޖިލީހުން ރުހުން ދިންތާ 24 ގަޑިއިރެއްހާ ކުޑަ ވަގުތެއްގެ ތެރޭގައި ރައީސް ވަނީ އޭނާ އެ މަގާމަށް އައްޔަންކުރައްވާފައެވެ.

މަޚްލޫފަކީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ޕީއެންސީން ބޭއްވި ބޮޑު ޖަލްސާއެއްގެ ތެރެއިން އެ ޕާޓީއާ ގުޅިވަޑައިގެންނެވި ބޭފުޅެކެވެ. ވަރަށް ފަހުން އޭނާ ވަނީ ކުރިން ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. ސަފީރުކަމަށް އައްޔަންކުރަން އޭނާގެ ނަން ފޮނުއްވި ހިސާބުން ފެށިގެން، ޕާޓީ ބަދަލުކުރުމުގެ ސަބަބުން ގިނަ ބައެއްގެ، ޚާއްސަކޮށް ސިޔާސީ ބޭފުޅުންގެ، ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މަޚްލޫފްގެ ސިޔާސީ ހަޔާތަށް ބަލާއިރު، ރާއްޖެއަށް ޕާޓީ ނިޒާމު ތައާރަފްވެގެން އައި ދުވަސްވަރު އުފެއްދި އަދި އޭރުގެ އެންމެ ބޮޑު އެއް ޕާޓީ ކަމަށްވާ ޑީއާރްޕީން އޭނާ ސިޔާސީ ހަޔާތް ފެއްޓެވިއެވެ. އެ ޕާޓީގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކަށް ފަހު، ޕީޕީއެމް އުފެއްދުމުގެ މަސައްކަތުގައި މަޚްލޫފް ވަނީ އިސް ދައުރެއް އަދާކުރައްވައިފައެވެ. ނަމަވެސް، ޕީޕީއެމްގެ ވެރިކަމުގައި އޭނާ ވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާ ދެކޮޅަށް ނުކުމެވަޑައިގެންނެވިއެވެ. އޭރު އޮތް އިދިކޮޅު އިއްތިހާދުގެ ހަރަކާތްތަކުގައި އިސް ދައުރެއް އަދާކުރެއްވިއިރު، އެ ވެރިކަމުގައި މަޚްލޫފް ޖަލަށް ވެސް ލެވުނެވެ. އެއަށް ފަހު، އޭނާ އެމްޑީޕީއަށް ސޮއިކުރެއްވިއެވެ. އަދި، އެމްޑީޕީގެ ވެރިކަމުގައި މަޚްލޫފަށް ވަނީ ޔޫތު މިނިސްޓަރުކަން ދީފައެވެ. ނަމަވެސް، އެ ޕާޓީއަށް ވެރިކަން ގެއްލުނު ފަހުން މަޚްލޫފް ސިޔާސީ ހަރަކާތްތަކުން ގެއްލިފައި ހުއްޓާ، މިހާރު ވަނީ އަލުން ސިޔާސީ މަސްރަހަށް ނުކުމެވަޑައިގެން ޕީއެންސީއާއި ގުޅިވަޑައިގެންފައެވެ.

Rate this article

Leave a Comment

Comments (0)