
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، އަންނަ އަހަރުގެ ތެރޭގައި ހުޅުމާލޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ނަފްސާނީ ބަލިތަކަށް ފަރުވާދެވޭނެ ޚިދުމަތް ފެށޭނެ ކަމަށާއި، މާލެ ސަރަޙައްދުގެ ޞިއްޙީ ޚިދުމަތްތައް އިތުރު ހަރުފަތަކަށް ޖެހޭނެ ކަމަށެވެ.
މިކަން ހާމަކުރައްވަމުން ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވާހަކަދެއްކެވީ ޕީއެސްއެމް ނިއުސްގެ "ހަފްތާ 104" ޕްރޮގްރާމްގައެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އެންމެ ބޮޑު އިންސައްތައެއް ކަނޑައަޅާފައިވާ އެއް ދާއިރާއަކީ ޞިއްޙީ ދާއިރާއެވެ. 8 ބިލިޔަން ރުފިޔާގެ ބަޖެޓެއް ޞިއްޙީ ދާއިރާއަށް ކަނޑައަޅާފައިވާއިރު، ޢުމްރާނީގޮތުން ވަޞީލަތް ހޯދުމަށް މި ބަޖެޓުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ. ސީއީއޯ ވިދާޅުވީ، މި ބަޖެޓުގެ ތެރެއިން މާލެ ސަރަޙައްދުގެ ހޮސްޕިޓަލްތަކުގައި މުހިންމު ގިނަ މަސައްކަތްތަކެއް އަންނަ އަހަރު ކުރުމަށް ނިންމާފައިވާކަމަށެވެ.
އޭގެ ތެރޭގައި، ވިލިމާލޭ ހޮސްޕިޓަލް ތަރައްޤީކުރުމަށްޓަކައި ވަގުތީގޮތުން ހޮސްޕިޓަލްގެ ޚިދުމަތް ހުޅުމާލޭ ހިޔާއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެސެޓަޕްގައި އިތުރު ޚިދުމަތްތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ސީއީއޯ ވިދާޅުވިއެވެ. މީގެ އިތުރުން، ހުޅުމާލޭ ހޮސްޕިޓަލުގައިވެސް މުހިންމު މަސައްކަތްތަކެއް ކުރުމަށް އަންނަ އަހަރަށް ޕްލޭންކޮށްފައިވާއިރު، މުހިންމު ގިނަ ޚިދުމަތްތަކެއް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، އިތުރު އެނދުތައް ޤާއިމުކުރުމަށް ހަމަޖެހިފައިވާއިރު، ބައެއް އިތުރު ޚިދުމަތްތައް ފެށުމަށްވެސް ތައްޔާރުވަމުންދާ ކަމަށާއި، ހާއްސަކޮށް މެންޓަލް ހެލްތުގެ ދާއިރާ ފުޅާކުރުމަށް ނިންމާފައިވާކަމަށް ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވަނީ ހާމަކުރައްވާފައެވެ.