navLogo

އިންޑޮނޭޝިއާގައި ހިނގި މަތިންދާބޯޓު ވެއްޓުމުގެ ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

އިންޑޮނޭޝިއާގައި ހިނގި މަތިންދާބޯޓު ވެއްޓުމުގެ ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި
ޕޮޓޯ: ޕީއެސްއެމް ނިއުސް
މަރިޔަމް

އިންޑޮނޭޝިއާގެ ދެކުނު ސުލާވެސީ ޕްރޮވިންސްގައި ހިނގި މަތިންދާބޯޓު ވެއްޓުމުގެ ހިތާމަވެރި ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެޤައުމުގެ ރައީސް ޕްރަބޯވޯ ސުބިއަންތޯއަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

Loading tweet...

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ހާދިސާގެ ސަބަބުން ލިބިވަޑައިގެންނެވި ކުއްލި ސިހުމާއި ފުން ހިތާމަ ފާޅުކުރެއްވިއެވެ. މި ހާދިސާގައި 8 ކުރޫއިންނާއި، އިންޑޮނޭޝިއާގެ މިނިސްޓްރީ އޮފް މެރީން އެފެއާޒް އެންޑް ފިޝަރީޒްގެ 3 އޮފިޝަލުން ހިމެނޭހެން ޖުމްލަ 11 މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.

ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މި މެސެޖުގައި، އިންޑޮނޭޝިއާގެ ރައީސް ސުބިއަންތޯއަށާއި، އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަނީ ތަޢުޒިޔާ ދަންނަވާފައެވެ. ވަކިން ޚާއްޞަކޮށް، މި ހާދިސާގައި ފުރާނަ ގެއްލިދިޔަ ފަރާތްތަކުގެ އާއިލާތަކަށް ކުރިމަތިވެފައިވާ ހިތްދަތި ދަނޑިވަޅުގައި، އެ އާއިލާތަކަށް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގެން ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

މީގެ އިތުރުން، މި ހާދިސާ ހިނގި ސަރަޙައްދުގައި މީހުން ހޯދުމާއި ސަލާމަތްކުރުމަށް މިހާރު ކުރިއަށްދާ އޮޕަރޭޝަން، ކާމިޔާބުކަމާއެކު ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.

އިންޑޮނޭޝިއާއަކީ ދިވެހިރާއްޖެއާ ގާތް ގުޅުމެއް ބާއްވާ އިސްލާމީ އަޚުވަންތަ ޤައުމެކެވެ. މިފަދަ ހިތާމަވެރި ދަނޑިވަޅުތަކުގައި ރާއްޖެއިން އަބަދުވެސް އަންނަނީ އެޤައުމާ އެކު އޮތް ގާތްކަން ހާމަކުރަމުންނެވެ.

Rate this article

Leave a Comment

Comments (0)