navLogo

ބޭނުންވަނީ ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ކަންކަމަށް ހުރަސްނާޅާ ވެރިން: ނައިބު ރައީސް

ބޭނުންވަނީ ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ކަންކަމަށް ހުރަސްނާޅާ ވެރިން: ނައިބު ރައީސް
ޕޮޓޯ: ޕީއެސްއެމް ނިއުސް
މަރިޔަމް

ރައްޔިތުން އިޚްތިޔާރު ކުރަންވީ ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ކަންކަމަށް ހުރަސްނާޅާ، ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ވެރިންތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓު މޫސާ އަލީ ޖަލީލުގެ ކެމްޕެއިން އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މާލެ ސިޓީއަށް ދިމާވެފައިވާ ގިނަގުނަ މައްސަލަތައް ހައްލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތް ކުރައްވާ ބާރުމިނުގައި މަސައްކަތް ކުރެވޭނެ ފަދަ ވެރިންތަކެއް ހޮވުން މުހިންމު ކަމަށެވެ. މާލެ ސިޓީގެ މޭޔަރުކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ރައީސް މުޢިއްޒަކީ ރައްޔިތުންގެ ބޮޑު ލޯތްބާއި އިޙްތިރާމެއް ހޯއްދަވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވައި، އެމަނިކުފާނު މާލެއަށް ތަޞައްވުރު ކުރެއްވި ކަންކަން މެނިފެސްޓޯއާ އެއްގޮތަށް މިހާރުވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ތަރައްޤީގެ މަޝްރޫޢުތަކަށް ހުރަސްއެޅުމުގެ ބަދަލުގައި، ބޭނުންވަނީ އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރާނެ ވެރިން ކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވާނެ ފަރާތްތަކެއް (ރައްޔިތުންގެ މަޖިލިސް) ރައްޔިތުން މިހާރުވެސް އިޚްތިޔާރުކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އެކަންކަމަށް ކަނޑައަޅުއްވާފައިވާ ފަރާތްތައް އެތިއްބެވީ އެބޭފުޅުންގެ މަންދޫބުންގެ ގޮތުގައި އިޚްތިޔާރު ކުރައްވާފައި. އެހެންކަމުން ސަރުކާރު ޖަވާބުދާރީ ކުރުވާނީ އެދާއިރާތަކުގެ މެންބަރުން، އެ މުޢައްސަސާތަކުން. ކައުންސިލްތަކާއި ސިޓީކައުންސިލްތަކުން ބޭނުންވަނީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ކަންކަން މަގުފަހިކޮށްދޭނެ ވެރިންތަކެއް،" ނައިބު ރައީސް ވިދާޅުވިއެވެ.

މާލެ ސިޓީގެ ތޮއްޖެހުމާއި، ޕާކިންގް މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން ނައިބު ރައީސް ވިދާޅުވީ، ސަރުކާރުން ރާވާފައިވާ ކަންކަން ތަންފީޛު ކުރުމުގައި މޭޔަރުގެ ދައުރު ބޮޑު ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ ދެ އަހަރު ދުވަހު އެ އެއްބާރުލުން ލިބިފައިނުވާކަން އެމަނިކުފާނު ހިތާމައާއެކު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، ޕީއެންސީގެ ފަރާތުން ނުކުމެ ތިއްބެވީ ޤައުމުދެކެ ލޯބިވާ އެއް ޓީމެއް ކަމަށާއި، މާލޭގެ ތަރައްޤީއަށްޓަކައި ރައީސް މުޢިއްޒުގެ ތަޞައްވުރު ދަންނަ ލީޑަރުން ހޮވުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވަމުންނެވެ.

Rate this article

Leave a Comment

Comments (0)